ގދ. ހޯނޑެއްދޫގެ އިހުތިސާސްގެ ތެރެއިން ވަކިކުރި ކަނޑެވާރެހާ އަނބުރާ އެ ރަށަށް ދިނުމަށް ހޯނޑެއްދޫ ކައުންސިލުން އެދިއްޖެ އެވެ.

އިންޓަގްރޭޓަޑް ޓޫރިޒަމަށް ކަނޑެވާރެހާ ތަރައްގީ ކުރުމަށް ހޯނޑެއްދޫގެ އިހުތިސޯސުން އެ ރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސޯސަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުގެންނެވީ އިއްޔެ އެވެ. ކަނޑެވާރެހާ އިންޓަގްރޭޓަޑް ޓޫރިޒަމަށް ތަރައްގީ ކުުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ހޯނޑެއްދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ އެ ރަށަކީ ޓޫރިޒަމްގެ ވިޔަފާރިއަށް ފައްކާވެފައިވާ، ނިސްބަތުން ހުވަދު އަތޮޅުގައި ޓޫރިސްޓް އެނދު އެންމެ ގިނަ އެއް ރަށް ކަމަށެވެ.

އަދި ރަށްރަށުގެ އިހްތިސާސްގެ ކަނޑައެޅިއިރު ރަށުގެ އިހްތިސާސްގެ ތެރޭގައި ކަނޑެވާރެހާ ހިމެނުމަކީ ކައުންސިލާއި ރައްޔިތުން، ޓޫރިޒަމް ތަރައްގީކުރުމަށް ކުރަމުންއައި އުންމީދަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ކައުންސިލުން ބުންޏެވެ.

ކަނޑެވާރެހާއަކީ 2020 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރެއްގެ ދަށުން  ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި އޮތް ފަޅުރަށެކެވެ.

ކައުންސިލުން ބުނީ ރައީސް މުއިއްޒު، މި އަހަރުގެ ޖެނުއަރީ 07 ވަނަ ދުވަހު އެ ރަށަށް ވަޑައިގެން ކައުންސިލާއި ބައްދަލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމްއަށް ކަނޑެވާރެހާ ކަނޑައެޅުމަށް ހުރި ހުރަސްތައް ނައްތާލައްވާނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރިޔާސީ ކެމްޕެއިންގަވެސް ކަނޑެވާރެހާ، އެ ރަށުގެ ޓޫރިޒަމްގެ ހުވަފެނަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދެއްވާނެކަމަށް ވައުދުވެ ވަޑައިގެންނެވި ކަމަށެވެ.

ހޯނޑެއްދޫ ކައުންސިލުން ބުނީ ކަނޑެވާރެހާއަކީ އެތައް ޒަމާނެއް ވަންދެން ހޯނޑެއްދޫގެ ރައްޔިތުން ބޭނުންކުރަމުން އައި ރަށެއް ކަމަށާއި ރަށުގެ ބިނާވެށި ޕްލޭންގައި ކަނޑެވާރެހާއަކީ ޓޫރިޒަމްއަށް ތަރައްގީ ކުރާނެ ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްގީކުރުމަށްޓަކައި ފާސްކުރެވިފައިވާ ކަމަށެވެ. އެކަމަކީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ކައުންސިލުން ދެކެ އެވެ.

ކައުންސިލުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް 3 ކަމަކަށް ގޮވާލާފަ އެވެ.

1. ހޯނޑެއްދޫގެ އިހްތިސާސްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް.

2. ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކޮށް، އެ ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމުމަށް.

3. ރަށްރަށުގެ އިހްތިސާސްތަކަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ގާއިމުކުރުމަށް.

ކައުންސިލުން ބުނީ ކަނޑެވާރެހާ ހޯނޑެއްދޫގެ އިހްތިސާސްއިން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުސްތަގުބަލުގައި ރަށުގެ އިގްތިސާދީ ތަރައްގީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާނެކަން ޔަގީންކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ އެކަމާއި ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަން އަލުން މުރާޖައާކޮށް، ކަނޑެވާރެހާ ހޯނޑެއްދޫގެ އިހްތިސާސްގެ ތެރޭގައި ދެމެހެއްޓުމަށް ގޮވާލި އެވެ.

އަދި ރަށުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ރަށުގެ ތަރައްގީއަށް މަގުފަހިކޮށްދީ އެރަށް ކައުންސިލުން ތަރައްގީކުރުމުގެ ހުއްދަ ދިނުމަށް ކައުންސިލުން އެދުނެވެ.

Leave a Reply

Your email address will not be published. Required fields are marked *