
ރައްޔިތުން ވީޑިއޯ މެދުވެރިކޮށް ހުށަހަޅުއްވާ ސުވާލުތަކަށް، ސީދާ ރައީސަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދެވި “ރައީސްގެ ޖަވާބު” ސިލްސިލާގައި، ވީޑިއޯ މެދުވެރިކޮށް ސުވާލު ހުށަހަޅުއްވަން ބޭނުންވާ ރައްޔިތުންނަށް ރައީސްގެ އޮފީހުން އެ ފުރުސަތު އާއްމުކޮށް ހުޅުވާލައިފި އެވެ.
ވީޑިއޯ މެދުވެރިކޮށް ރައީސްއާ ސުވާލުކުރަން ބޭނުންނާވާނަ، ސުވާލު ރެކޯޑްކުރެއްވުމަށް ފަހު ހުށަހަޅަން ޖެހޭނީ، ރައީސް އޮފީހުގެ “ރައްޔިތުންގެ އަޑު” ޕޯޓަލް މެދުވެރިކޮށެވެ.
ރައީސް އޮފީހުން ބުނީ މި ޕޯޓަލް،https://citizensvoice.gov.mv މި ލިންކް މެދުވެރިކޮށް، ނުވަތަ ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ.
“ރައްޔިތުންގެ އަޑު” ޕޯޓަލް މެދުވެރިކޮށް ހުށަހަޅަމުން ގެންދާ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަމުން ގެންދަވާނީ “ރައީސްގެ ޖަވާބު” ސިލްސިލާގެ ތެރެއިންނެވެ.
“ރައީސްގެ ޖަވާބު” ސިލްސިލާއަކީ، ވީޑިއޯ މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް، ސީދާ ރައީސް ވީޑިއޯ މެދުވެރިކޮށް ދެއްވާ ޖަވާބު އާއްމު ކުރައްވަމުން ގެންދަވާގޮތަށް، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށްޓެވި ސިލްސިލާއެކެވެ.
އެ ސިލްސިލާގައި އޭރު ސުވާލުކުރެވެމުން ދިޔައީ، ރައީސް އޮފީހުގެ މީޑިއާ ޓީމަކުން ރައްޔިތުންނާ ބައްދަލުކޮށް، ވީޑިއޯ ސުވާލު ހުށަހެޅުމަށް ފުރުސަތު ދީގެންނެވެ.
ނަމަވެސް، އެގޮތަށް މިކަން ކުރިއަށް ގެންދިއުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ކަންކަމާއި ގުޅިގެން ރައީސް އާއި ސުވާލުކުރުމަށް ބޭނުންފުޅުވާ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފުރުސަތު ދެވެމުން ނުދާތީ، ކޮންމެ ރައްޔިތަކަށްވެސް ވީޑިއޯ ސުވާލު ހުށަހެޅޭނެ ޕޯޓަލްއެއް އުފައްދައި ބޭނުންކުރެވެން ފެށެންދެން “ރައީސްގެ ޖަވާބު” ސިލްސިލާ ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.