
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު މިއަދު އާންމު ކޮށްފިއެވެ.
ވަގުތީ ރިޕޯޓުގައިވާ ގޮތުގައި، 179 ދާއިރާއަކަށް ޖުމްލަ 629 ރަށު ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ. އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރަންޖެހެއެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ވެސް ރަށްރަށުން 629 މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، ސިޓީތަކަށް 52 މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކުރުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، 2000 އިން މަދު އާބާދީތަކުގެ ކައުންސިލަށް އިންތިހާބު ކުރަން ޖެހެނީ ތިން ކައުންސިލަރުންނެވެ. އެއަށްވުރެ ބޮޑު އާދާތީތަކަށް އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.
- 2000 މީހުންނަށް ވުރެ ކުޑަ އާބާދީތައް – 133 ރަށެއްގައި 399 ކައުންސިލަރުން އަދި 399 ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރަން ޖެހޭ
- 2000 އަށްވުރެ ބޮޑު އާބާދީތައް – 46 ރަށެއްގައި 230 ކައުންސިލަރުން އަދި 230 ޑަބްލިއުޑީސީ މެންބަރުން އިންތިހާބު ކުރަން ޖެހޭ
ސިޓީތަކަށް މެންބަރުން އިންތިހާބު ކުރުން
- ކުޅުދުއްފުށި އަދި ތިނަދޫ ސިޓީ – ކޮންމެ ދާއިރާއަކަށް 7 ކައުންސިލަރުން
- ފުވައްމުލަކު ސިޓީ – އެ ސިޓީގައި އަށް އަވަށް އޮންނައިރު ކޮންމެ އަވަށަކަށް 1 ގޮނޑި ޖެހޭ ގޮތަށް ކައުންސިލް މޭޔަރާއެކު 9 ގޮނޑި
- އައްޑޫ ސިޓީ – ހުޅުދޫ އާއި މީދޫ ވަކިކޮށްފައިވާތީ، ކައުންސިލް މޭޔަރާއެކު 11 ގޮނޑި
- މާލެ ސިޓީ – ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި މެންބަރުން އިންތިހާބު ކުރި އަދަދަށް، 17 ކައުންސިލް ގޮނޑި އާއި މޭޔަރު – އެހެންކަމުން ޖުމްލަ 18 ގޮނޑި
އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































