
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިހުމާލުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޒިންމާއޮތް މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި އެކުލަވާލާފައި އޮންނަ ކަމަށެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާއި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެފަދަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާ އާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މިއަދުގެ ޖަލްސާގައި ކުޑޫ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމީ 44 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެެއްވީ 12 މެމްބަރުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ހިދުމަތްތައް ހޯދުމުގައި ދިމާވަމުންދާ މައްސަލަތަކާއި ކަމާ ބެހޭ ފަރާތްތަކުން ވަމުން އަންނަ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށްވެ، ސިއްހީ ގޮތުންނާއި ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިއާދަނުކުރެވޭވަރުގެ ގެއްލުންތައް އެ ފަރާތްތަކަށާއި އާއިލާތަކަށް ލިބެމުންދާކަން ވެސް ކުޑޫ ފާހަގަކުރެއްވި އެވެ.