މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މާފުށި ޓުއަރިޒަމް ބްރޭންޑް ލޯންޗުކުރަން ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައަކަށް މީހުންގެ ފާޑުކިއުން އަމާޒުވުމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރިސޯޓްތަކުގައި ފަތުރުވެރިންނަށް ލިބޭ ބައެއް ހިދުމަތްތަކާއި ބައެއް ތަކެތި ލިބެން ނެތުމަކީ ބޭއިންސާފެއް ކަމަށެވެ.

ނަޝީދު އިޝާރާތްކުރައްވާ ބައެއް ތަކެއްޗަކީ ރަލާއި އޫރުމަސް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވި އެވެ.

ފާޑުކިއުންތަކާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައް ދިވެހި ބަހުން ސާފުސީދާ ދިވެހި ބަހުން ވިދާޅުވި ވާހަކައެއް އޮޅުވާލައިގެން އަމިއްލަ މާނަ ނަގައިގެން ފެތުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

“ރިސޯޓް ފަހަރުގައި ލިބޭ ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ނުލިބޭ ހަމައެކަނި ތަކެއްޗަކީ ރަލާއި އޫރު މަހެއް ނޫން. މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ހުއްދަ ކުރާކަށް ނުޖެހޭ,” ނަޝީދު ވިދާޅުވި އެވެ.

ދެން އެއީ ކޮން ތަކެތި ތޯ މީހުން ސުވާލުކުރަން ފެށުމުން ނަޝީދުގެ އަނެއް އެކައުންޓުން ވެސް ޕޯސްޓެއް ކުރެއްވި އެވެ. އޭގައި ލިއުއްވާފައިވަނީ އޯވާވޯޓާ ކޮޓަރި، ވެލިމަގު، މަގު ކައިރީ ގަސްތައް، މަގުމަތި ބޮކި ހުންނަ ގޮތަކީ ވެސް އެއިން ބައެއް ތަކެތި ކަމަށެވެ.

Leave a Reply