ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އަރިހަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައި ވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ނައިބު ރައީސް އާއި ޗައިނާގެ ސަފީރުގެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި ޗައިނާ އާ ދެމެދުގައި އޮތް ބަދަހި ސިޔާސީ ގުޅުމަކީ ގާތް ރަހުމަތްތެރިކަމާއި އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ އިހުތިރާމާ އަދި ތަރައްގީގެ ދާއިރާއިން ބަދަހިވެފައިވާ ގުޅުންތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެ ބޭފުޅުން ވެސް ފާހަގަކުރައްވާފައިވާ ކަމަށެވެ.

ރާއްޖެ އާއި ޗައިނާ އާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ގާއިމުކުރެވުނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

Leave a Reply