ހއ. ހޯރަފުށީ ކައުންސިލް ރައީސް މުޙައްމަދު ވަހީދު، މުސާރައާއި އިނާޔަތްތައް ނުލިބޭގޮތަށް ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވީ، ވަހީދުގެ މައްޗަށް ފިޔަވަޅު އެޅީ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ޤާނޫނާއި ޤަވައިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، ހޯރަފުށިން 5000 (ފަސްހާސް) އަކަފޫޓުގެ ބިމެއް ދީފައިވާ ކަމަށް، އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ. އަދި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ލާމަރުކަޒީ ޤާނޫނާއި ލޯކަލް ކައުންސިލުގެ އާންމު އިޖުރާއީ ޤަވާއިދާ، އަދި މާލިއްޔަތު ޤަވާއިދާ ޚިލާފަށް ކަންކަން ކުރަމުންދާކަމަށް ބުނެ އެލްޖީއޭއަށް ހުށަހެޅިފައިވާ ޝަކުވާތަކާއި އެކު ޖުމްލަ އަށް މައްސަލައެއް ބެލުމަށްފަހުގައި ކަމަށް އެލްޖީއޭ އިން ވިދާޅުވެއެވެ.

އޭގެ ތެރޭގައި ހިމެނޭ އިތުރު މައްސަލަތަކަކީ:

  • ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް 2025 ބޭއްވުމުގައި މާލިއްޔަތު ޤަވާއިދާ ޚިލާފާށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ޚަރަދުކޮށްފައިވާ މައްސަލަ،
  • ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން (ލޭންޑް ޔޫޒްޑް ޕްލޭން) އާއި ޚިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ރަށުގެ ގޯތިތަކާއި އިންވެގެން އޮންނަ ހުސް ބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދީފައިވާ މައްސަލަ،
  • މާލިއްޔަތު ޤަވާއިދާ ޚިލާފަށް 2023 ވަނަ އަހަރު ހޯރަފުށީ ކައުންސިލުން ރަށުގެ ބަނދަރު ސަރަހައްދުގައި އިންދުމަށް ކަދުރު ރުއްތަކެއް ގަނެފައިވާ މައްސަލަ،
  • 1446 ވަނަ އަހަރު އަޟްޙާ ޢީދު ކުޅިވަރާއި، ސްޓޭޖުލައިޓް އަދި ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ޤަވާއިދާ ޚިލާފަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން ޚަރަދު ކޮށްފައިވާ މައްސަލަ،
  • 1446 ވަނަ އަހަރުގެ އަޟްޙާ ޢީދަށް ރަށުތެރެ ދިއްލާ ޒީނަތްތެރިކުރުމަށް ބޭނުންވާ ލައިޓް ގަތުމަށް ސްޕްލިޓްކޮށްގެން ގިނަ ޢަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ދޫކޮށްފައިވާކަމާއި އަދި އެތަކެތި ކައުންސިލަށް ލިބިފައި ނުވާ މައްސަލަ.
  • ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑް ކޮމެޓީގައި ތިބޭކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ،
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، ހޯދުމަށް އެދޭ މަޢުލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށް ދީފައިނުވާ މައްސަލަ.

މީގެ އިތުރުން މައްސަލަ ރައްދުވާ ހޯރަފުށީ ކައުންސިލުގެ މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ ހަތް ދުވަހުގެ ފުރުސަތު ދީފައިވާނެ ކަމަށާއި މައްސަލައާ ގުޅޭގޮތުން ކައުންސިލުގެ ހުރިހާ މެމްބަރުންނާއި، ހޯރަފުށީ ކައުންސިލުގެ އިދާރާގައި، ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުން ހުރި މަސަކަތްތައް ކުރާ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލަތަކާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ. އަދި މި މައްސަލަތަކާ ގުޅޭ މަޢުލޫމާތާއި ލިޔެކިޔުންތައް ހޯރަފުށީ ކައުންސިލުގެ އިދާރާއިން ހޯދާފައިވާނެ ކަމަށް ވެސް އެލްޖީއޭއިން ވިދާޅުވިއެވެ.

ހަމައެހެންމެ، މި މައްސަލައާ ގުޅިގެން އެލްޖީއޭގެ ބޯޑުން ނިންމީ ކައުންސިލް ރައީސް ތިން މަހަށް ސަސްޕެންޑް ކުރުމުގެ އިތުރުން، ކައުންސިލުގެ ނައިބު ރައީސް އަޙްމަދު އިމްދާހާއި ކައުންސިލުގެ މެންބަރު އިބްރާހީމް ޝާކިރާއި ކައުންސިލުގެ މެންބަރު މަރްޔަމް ވަކީލާއާއި ކައުންސިލުގެ މެންބަރު އާމިނަތު ވިސާމާއާއި ކައުންސިލުގެ މެންބަރު އާމިނަތު ނާސިހާއާއި ކައުންސިލުގެ މެންބަރު އަޙްމަދު ރައޫފަށް ނަސޭޙަތްތެރިވުމަށެވެ.

Leave a Reply