ހުޅުމާލޭގައި 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ތަކެއް، ވަގުތީ ޕާކިން ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ޓްރާންސްޕޯޓް މިނިސްޓްރީން ގުޅިގެން މި ޖާގަތައް ކަނޑައަޅާފައި ވަނީ މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުންނެވެ.

އެޗްޑީސީން ބުނީ މި ވަގުތީ ޕާކިން ޒޯންތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަގަޅު ކުރުމާއި، މަގުތަކުގައި ވެހިކަންތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި މި ވަގުތީ ޕާކިން ޒޯންތައް ކަނޑައަޅާފައިވެއެވެ. އެއީ؛

  • މަޖިދުލް ވާލިދައިން ކައިރި ސަރަހައްދު – 115 ޖާގަ
  • ގާޒީ ސްކޫލު ސަރަހައްދު – 254 ޖާގަ
  • ހިޔާ ޓަވަރު-16 ސަރަހައްދު – 1233 ޖާގަ
  • ވިނަރެސް ސަރަހައްދު 362 – ޖާގަ

އެޗްޑީސީން ބުނީ ވަގުތީ މި އިންތިޒާމުތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވެގެންދާނެ ކަމަށެވެ.

Leave a Reply