
ހަލާލް ޓޫރިޒަމަށް ވަކި ރަށްތަކެއް ތަރައްގީކުރަން ކަނޑައަޅައި އެކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ހާއްސަ ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ މުޅި ދުނިޔެއަށް މިސާލެއް ކަމަށެވެ. އެކަން އެހެންވެފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި ސިނާއަތް ކުރިއަރުވައި، ޓޫރިސްޓުން ރާއްޖޭގައި ކުރާ ތަޖުރިބާ އަދި އެ މީހުންނާ މެދު އަދާކުރާ މެހެމާންދާރީގެ ފުރިހަމަކަމުން ކަމަށެވެ.
އެކަމާ އެކު ސަރުކާރުން މިހާރު ބޭނުން ވަނީ ހަލާލް ޓޫރިޒަމްގެ އެއް ވަނަ މަންޒިލުގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތްކުރަން ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރުމަށް ހަލާލް ޓޫރިޒަމަށް ހާއްސަކޮށް ވަކި ރަށްތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމުގަ އެވެ. އެ ރަށްތައް ތަރައްގީކުރަން އިންވެސްޓްކުރާ ފަރާތްތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއް ދޭނެ ކަމުގަ އެވެ.
މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތު ކުރުމުގައި ލިބޭނެ ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ކަމާ ގުޅޭ ތަފުސީލުތައް އާންމުކުރާނެ ކަމަށެވެ.
ރާއްޖެ އޮންނާނީ ދުނިޔޭގެ އެކި ސަރަހައްދުތަކުން އަންނަ އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































