
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ހުށަހެޅި ބިލަށް އިސްލާހު ގެނެސް، އެ ގައުމުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލަންދެން ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ފާސްކޮށްފި އެވެ.
އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، 241 ކޮމިޓީން ބިލުގެ މަސައްކަތް ފަށާފައި އޭގެ ފަސް މަސް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް 241 ކޮމިޓީގެ ބައްދަލުވުންތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ ބޭފުޅުން ހާޒިރު ވެސް ކުރި އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލުމަށް ފުރަތަމަ ނިންމި ނަމަވެސް ކޮމިޓީން ފަހުން ވަނީ ބުނެފައި ވަނީ މަސައްކަތް ކުރަމުން ދަނީ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ. ބިލާ ގުޅިގެން ބޭނުންވާ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކުން ހޯދުމުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ ބަސް ހޯދުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.
އެހެންނަމަވެސް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލުގެ މަސައްކަތް އޮތީ ކޮމިޓީ މަރުހަލާގައި މަޑުޖެހިފަ އެވެ.
މައްސަަލަ ދިގުދެމެމުންދާތީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެހެންނަމަވެސް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވި ކުއްލި މައްސަލަ ރިޔާސަތުން ބަލައިގެންފައެއް ނުވެ އެވެ. އެގޮތަށް ނިންމަވާފައި ވަނީ ހުށަހެޅި މައްސަލައިގައި ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތުތައް ހަމަނުވާ ކަމަށް ވިދާޅުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއިން، ޤާނޫނު ނަންބަރު 1/2007 (ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން pic.twitter.com/TU2zJXr0r0
— People's Majlis (@mvpeoplesmajlis) April 14, 2025
މިއަދު މެންދުުރުފަހު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ބިލުގެ ފުރަތަމަ މާއްދާ އުނިކުރަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު އިސްމާއީލެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
މީކާއީލް ބިލު ހުށަހެޅުއްވި ފަހުން، މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.
އެފަހުން އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމްލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ.