މޯލްޑިވްސް ހައްޖު ކޯޕަރޭޝަން (އެމްއެޗްސީއެލް) ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުން ދާތީ އެކަމަށް ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި އެ ކޯޕަރޭޝަނުގެ ނަމުގައި އާންމުންގެ ފޯނަށް މެސެޖުތަކެއް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ.

އެއްވެސް ޕޭމަންޓެއް ނުވަތަ ފީ އެއް ދެއްކުމަށް އެސްއެމްއެސްގެ ޒަރިއްޔާއިން އެއްވެސް ލިންކެއް އެ ކޯޕަރޭޝަނުން ނުފޮނުވާނެ ކަމަށާއި ކޯޕަރޭޝަނުގެ ނަމުގައި ދައުރުވަމުންދާ ސްކޭމް އެސްއެމްއެސްއަށް ސަމާލުވުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ.

“މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެއްވެސް ފަރާތަކަށް ލިންކް ފޮނުވައިގެން ފައިސާ ދައްކަން މެސެޖެއް ނުކުރާނެ އެވެ. އަދި މި ކޯޕަރޭޝަނުގެ ފަރާތުން އެއްވެސް ފަރާތަކަށް ގުޅައި ނުވަތަ މެސެޖުކޮށް އެއްވެސް ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރާކަށް ނާންގާނެ އެވެ.” ބަޔާނުގައިވެ އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ ހިދުމަތްތަކަށް ފައިސާ ޖަމާކުރަން އަންގާނީ ކޯޕަރޭޝަނުގެ ނަމުގައި ހެދިފައި ހުރި ރަސްމީ ބޭންކް އެކައުންޓުތަކަށް ކަމުގަ އެވެ.

އޮޅުވާލައިގެން މިފަދަ ގޮތްގޮތަށް ފައިސާ ހޯދަން ކުރާ މެސެޖުތަކާއި ފޮނުވާ ލިންކުތަކަށް ސަމާލުވެ، ލިންކުތަކަށް ނުފިތުމަށާއި މިފަދަ މެސެޖެއް ނުވަތަ ކޯލެއް އައިސްފި ނަމަ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Leave a Reply