
ހދ. ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް ފުލުހުންގެ ފަރާތުން އެރަށު ކައުންސިލަށް އިރުޝާދު ދީފިއެވެ.
ފުލުހުން މިއަދު ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭ ގޮތުން ރަށު ކައުންސިލްގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
“މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމުން އެނގިފައިވަނީ، މިއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ކަމަށް. އަދި މިހާތަނަށް ބެލިބެލުމުން މިކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައެއް ނުވޭ،” ފުލުހުންޏެވެ.
އެހެންކަމުން، މި މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރާއިރު އެރަށުން ގޯތި ދޭރީ ރަށު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ރައްޔިތުން ބުނަނީ އެރަށުން އެހެން ރަށެއްގެ ބަޔަކަށް ބިން ދޫކުރަންވާނީ އެރަށު ރައްޔިތުންނަށް ބިން ދޫކުރުމަށްފަހުގައި ކަމަށެވެ.
އެކަމާ ދެކޮޅަށް ޕެޓިޝަނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































