
މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު އެ މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހިންނާއި އެ ގައުމުތަކަށް ޒިޔާރަތްކުރާ ދިވެހިންގެ ހާލަތު އެ މިނިސްޓްރީންނާއި މިޝަންތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.
“މިވަގުތު މި ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާ އެކު، މި ގައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތް ކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެ ގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން،” ހަލީލް ވިދާޅުވި އެވެ.
އިޒްރޭލާއި އީރާނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށް ރޭ ފަތިހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިއުލާނު ކުރައްވާފަ އެވެ.





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































