
މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޮޑުތަކުރުފާނު މަގު، ބުރިޖު ކައިރީ ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ދިވެހި ފިރިހެން މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ޕޭމަންޓް މައްޗަށް އަރައިގެން ހިނގި އެ އެކްސިޑެންޓުގައި އެ ސައިކަލުގެ ފަހަތުގައި އިން 16އަހަރުގެ ދިވެހި ފިރިހެން ކުއްޖާ ވަނީ ނިޔާވެފައެވެ. އަދި އެ ސައިކަލު ދުއްވަން އިން މުހައްމަދު އާދިން އާރިފް (19އ.)އަށް ވެސް އަނިޔާވިއެވެ.
އެ މައްސަލައިގައި އާދިން ފަހުން ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.
ކޯޓުގައި އާދިން ބުނީ އެ ހާދިސާ ހިނގީ ގަސްދުގައި ނޫން ކަމަށާއި އަދި އެކަން ހިނގީތީ ހިތާމަކުރާ ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ވެސް ރިއާޔަތްކޮށް ހަރުކަށި ޝަރުތުތަކާއެކު ދޫކޮށްލުމަށް އެދުނެވެ.
އެހެންވެ އެ ކަންކަމަށް ރިއާޔަތްކޮށް ގާޒީ ވަނީ އާދިން ބަންދުން ދޫކޮށްލައިފައެވެ. އެއީ ރަށުން ބޭރަށް ނުދެވޭ ގޮތަށް އަދި ޕާސްޕޯޓް ހިފެހެއްޓުމަށްފަހުއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































