
އެމްޑީޕީގެ އެކްޓިވިސްޓް އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި މިދިޔަ އަހަރު ހައްޔަރުކުރި ގއ. ދާންދޫ، ސަންލައިޓްވިލާ އަހްމަދު ރިޝްމާހް (21އ)ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރިޝްމާހު ވަނީ ގެސްޓު ހައުސްއަކަށް ވަދެ ލަގެޖަކާ ހަވާލުވެފަ އެވެ. އަދި އޭގެން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2.2ކިލޯ ހުރި ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ރިޝްމާހު ހައްޔަރުކުރި ސަރަހައްދަށް ފުލުހުން ދިއުމުން އޭނާ ވަނީ ފިލަންވެސް ދުވެފައެވެ.
އެ މައްސަލައިގައި އޭނާ ފަސް ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރު ނެރެފައެވެ.
މަންދީ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ރިޝްމާހު ހައްޔަރުކުރީ މީގެ އަހަރެއް ކުރިންނެވެ. ނަމަވެސް ފަހުން އޭނާ ދޫކޮށްލިއެވެ.



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































