ކޮންމެ ރަމަޟާން މަހަކު އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އޮފީސްތަކުގެ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

މި މުބާރާތް ފެށީ މިއަދު ހެނދުނު ސަލްމާން ރަސްގެފާނު މިސްކިތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެލެއްވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރުގެ މުބާރާތުގައި 21 އިދާރާއަކުން 71 ބައިވެރިން ވާދަކުރާ ކަމަށެވެ.

2016ވަނަ އަހަރުން ފެށިގެން އިސްލާމިކް މިނިސްްޓްރީން ބާއްވަމުން ގެންދާ، މި މުބާރާތް މިދިޔަ އަހަރުން ފެށިގެން ބާއްވަމުން އަންނަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުންނެވެ.

އޮފީސްތަކުގެ ޤުރުއާން މުބާރާތަކީ، އޮފީސްތަކުގެ މުވައްޒަފުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ވާދަވެރި މާހައުލެއްގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމަށް ހިތްވަރު ދިނުމުގެ ގޮތުން،  ބާއްވަމުން އަންނަ މުބާރާތެކެވެ.

މި ރޯދަ މަހު އިސްލާމިކް މިނިސްޓްރީން ދީނީ ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ.

Leave a Reply