ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަަލައިގައި ހައްޔަރުކުރި އެ އެސޯސިއޭޝަންގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ތައިލެންޑްގައި އުޅެނިކޮށް އެ ގައުމުން ހައްޔަރުކޮށް އޭނާ މިދިޔަ މަހު 21ގައި ރާއްޖެ ގެނައުމުން ހުރީ ހައްޔަރުކޮށްފައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން އޮތީ އެދިފައެވެ.

އެހެންވެ އޭނާ މިހާރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުނެރެފައެވެ.

އަގީލްގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

އަގީލަށް އުފުލި ދައުވާގައިވާ ގޮތުން ޖެނުއަރީ 26، 2021ގައި އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއު އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ އެކައުންޓުގައިވާ ފައިސާއިން އަމީން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދިނީ އަގީލްއެވެ. 

އޭޕްރީލް 14، 2021ގައި އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް 1,000,000ޑޮލަރު އޭނާ ޖަމާކުރި ކަމަށް ދައުވާގައި ބުންޏެވެ. އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނުލިބެނީސް، އަމީން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް، 15،420،000ރ ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުންތައް އަގީލް ތައްޔާރުކޮށްފައިވެއެވެ.

Leave a Reply