
އަންނަ މަހު ރާއްޖެއަށް ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުންކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން މިއަދު އެކްސްގައި ބުނީ އަންނަ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭނެކަމަށް ލަފާކުރެވެނީ އާންމުކޮށް ވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށެވެ. އަދި މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް ވެހޭ މިންވަރަށް ވުރެ މަދުންކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި އަންނަ މަހު ރާއްޖޭގައި ފިނިހޫނުމިން އެންމެ މައްޗަށް އަދި ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މިދިޔަ އަހަރު މާޗު މަހު ދެކުނުގެ އަތޮޅުތަކަށް ވުރެ އުތުރަށް ވެހުނު ވާރޭގެ އަދަދު އިތުރެވެ. އެގޮތުން އެންމެ ގިނަ އަދަދެއްގެ ވާރޭ ވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 267 މިލިމީޓަރުގެ ވާރޭއެވެ.
މިދިޔަ އަހަރު މާޗު މަހު އައްޑޫގެ ގަމަށް ވެހުނީ އެންމެ 41 މިލިމީޓަރުގެ ވާރޭއެވެ.


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































