މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން މިއަދު އެކަނިވެސް ރާއްޖެއާއި ބައިނަލްއަގުވާމީ މަންޒިލްތަކާ ދެމެދު ކުރުމަށް ހަމަޖެހިފައި އޮތް 19ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިސްރާއިލާއި އެމެރިކާއިން އިއްޔެ އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސް އިރާނުން މިހާރު ވަނީ ރައްދުގައި އިސްރާއިލަށާއި މެދު އިރުމަތީގެ ގައުމުތަކުގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އެއާއެކު ރާއްޖެއަށް ދަތުރުކުރާ އެމިރޭޓްސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ ފަދަ އެއާލައިންތަކުގެ ދަތުރުތަކަށް ވަނީ ބުރޫ އަރައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ  ރާއްޖެއާއި ދެމެދު ކުރަން އޮތް 19ފްލައިޓެއް މިއަދު ކެންސަލްކޮށްފައިވާ ކަމަށެވެ.

އަދި ފްލައިޓް ޝެޑިއުލްއަށް ބެލުމަށް ފަހު ނޫނީ ފަތުރުވެރިން އެއާޕޯޓަށް ނުގެނުއަމަށް ރިސޯޓުތަކަށް މިހާރު އަންގާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިއްޔެއާއި މިއަދު ފްލައިޓުތަކަށް ބުރޫ އެރުމުން އޭގެ އަސަރު ރާއްޖޭގައި ތިބި 4929ފަތުރުވެރިންނަށް ކޮށްފައިވާ ކަމަށެވެ.

“4929ފަތުރުވެރިންނަކީ އެއާޕޯޓުގައި (މިވަގުތު)ތިބި ބައެއްނޫން. އެހެން ނަމަވެސް ކޮންމެވެސް ގޮތަކަށް އެފެކްޓްވެފައި ތިބި މީހުން. ބައެއް ބޭފުޅުން އަނބުރާ ރިސޯޓަށް ވެސް ދިޔަ. އަނެއްބައި ފަތުރުވެރިން މާލެއާ ކައިރީގައި ހުރި ގެސްޓު ހައުސް ތަކަށް ވެސް ގޮސްފައިވަނީ” މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply