މި އަހަރު ވެސް ރޯދަ މަހުގެ ރަސްމީ ގަޑިއަކީ 4 ގަޑިއިރު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި 2022 ގެ މާޗު މަހުގެ 6 އެއްގައި އެކަމާ ބެހޭ ދެންނެވުމެއް ނެރުއްވައިފައިވެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިއަހަރުގެ ރޯދަ މަހާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ހަމަޖެހިފައިވަނީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން، ރޯދަ މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދުވާނެ އެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ މުލަ ރޯދަ ދުވަހަކީ އަންނަ ބުދަ ދުވަހެވެ. އެހެންކަމުން އަންނަ އަންގާރަ ދުވަހުގެ ރޭ ރޯދައަށް ހަނދު ސާބިތު ކުރުން އޮންނާނެއެވެ.

Leave a Reply