
މޯލްޑިވްސް އިމިގްރޭޝަނުގެ ބަންދަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިއެއްގެ އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ބިދޭސީ މަސައްކަތްތެރިންގެ އަތުން ފައިސާ ނަގާކަމުގެ ތުހުމަތުގައި ޝަމްއާން އިމިގްރޭޝަނުގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރެ އެވެ. މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރު ކުރުމަށް ފަހު އޭނާ ހައްޔަރުކުރީ ޖެހިގެން އައި ދުވަހުގެ ރެ އެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ޝަމްއާން ބަންދުކުރުމަށް އަމުރުކުރި އެވެ.
ބަންދުގެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން ކްރިމިނަލް ކޯޓުން ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ގޮތެއް އަދި ނުނިންމަ އެވެ.
އޭނާ ބަންދުކުރަން ފުރަތަމަ ނެރުނު އަމުރު ޝަމްއާނުގެ ފަރާތުން އިސްތިއުނާފުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެހެންނަމަވެސް މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމާފަ އެވެ. ރަޖިސްޓްރާގެ ނިންމުން މުރާޖައާކޮށްދޭން ޝަމްއާނުގެ ފަރާތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ފަނޑިޔާރުންގެ މަޖިލިހަށް ހުށަހެޅި އެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށް، މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.
މައްސަލަ އާ ގުޅޭގޮތުން މީގެކުރިން ފުލުހުން ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް އިމިގްރޭޝަނުގެ ބައެއް އޮފިސަރުން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ރެއިޑްކޮށްފައިވާ ކަމަށެވެ.
އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ ރެއިޑްކުރި އިމިގްރޭޝަނުގެ އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ ހަވާލުކުރި ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓުގައި ނުވެސް ހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.
އެ ރެއިޑުގައި އިމިގްރޭޝަނުގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު 530،000 ރުފިޔާ ދިނުމުން ދޫކޮށްލީ ޝަމްއާނުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މައްސަލަ އާ ގުޅިގެން ޝަމްއާނު ހިމެނޭހެން ފަސް މީހަކު ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފަ އެވެ. އެ އޮފިސަރުންނަކީ އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލްގެ ބިއުރޯގައި މަސައްކަތް ކުރާ އޮފިސަރުންކަން ވަނީ އެނގިފަ އެވެ.
އެ މައްސަލައިގައި ޝަމްއާނުގެ އަނބިކަނބަލުން ހިދްފާ ފާއިޒުގެ ފޯނު ފުލުހުން ހިފަހައްޓައި، ދެ މީހަކު ފުރުން މަނާކޮށްފައިވެ އެވެ.