
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށާއި މިއީ ކުރީގައި ބޭންކުތަކަށް ޑޮލަރު މާރުކުރާ މިންވަރަށް ވުރެ 40 އިންސައްތަ އިތުރު އަދަދެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސްގެ އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ޑޮލަރު މާރުކުރުމަށް އޮތް ގާނޫނާ އެއްގޮތަށް ގިނަ ފަރާތްތައް މަސައްކަތް ކުރަމުންދާ ކަމުގައި ފާހަގަކުރެއްވި އެވެ. މިގޮތުން މިހާރު އޮތް ޑޮލަރު މާރުކުރުމާ ގުޅޭ ގާނޫނުގެ ދަށުން، ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރެއިން ގާތްގަނޑަކަށް 95 އިންސައްތަ ފަރާތުން ޑޮލަރު މާރުކުރަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބާކީ ފަސް އިންސައްތަ ވެސް މީގެތެރެއަށް ވެއްދުމަށް މަސައްކަތް ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އޮފީހުން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި މިކަމުގެ ނަތީޖާއަކަށް ވަނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާ ވަރަކަށް އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1،000 ޑޮލަރަށް ވުރެ އިތުރުކުރުމާއި ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާ އަދި ޓީޓީ ހެދުމަށް އިތުރަށް ފުރުސަތު ފުޅާވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ބޭންކަށް ޑޮލަރު މާރުކުރުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅަށް ކުރެއްވުނު ކަމެއް ކަމުގަ އެވެ. އަދި މިކަމުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައި، މިކަމަކީ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ، ކުރިއެރުން ލިބޭނެ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ހަމައެއާއެކު ކުރިއަށް އޮތްތަނުގައި ޑޮލަރުގެ އަގު ތިރިވަމުންދާނެ ކަމަށާއި ޑޮލަރުގެ ކަޅު ބާޒާރުން ސަރުކާރުގެ ކުންފުނިތައް ޑޮލަރުގަތުން މަދުކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.