ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެއްގޮތަށް، އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތާއި ގުޅިގެން އެކި ހިދުމަތްތައް ދިނުމަށް ހއ. އުލިގަމުގައި އިމިގްރޭޝަންގެ އާ އޮފީހެއް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިމިގްރޭޝަންއިން މިއަދު އެކްސްގައި ބުނީ މިއީ ބަންކަރިންގެ ހިދުމަތާއި ގުޅިގެން، ބޭރު ގައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަން ކްލިއަރެންސްދީ އިމިގްރޭޝަން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅާ އާ އިމާރާތެެއް ކަމަށެވެ.

އިމިގްރޭޝަންއިން ބުނި ގޮތުގައި މިހާރު އުލިގަމުގައި ދެ އިމިގްރޭޝަން އޮފިސަރުން މެދުވެރިކޮށް ފޯރުކޮށްދެމުން އަންނަނީ ހަމައެކަނި ސީޕޯޓުގެ ހިދުމަތްތައް ކަމަށެވެ.

ނަމަވެސް އެމްޓީސީސީން އަޅާ އާ  އިމާރާތާއެކު، ޕާސްޕޯޓާއި ވިސާ ފަދަ އެހެނިހެން އިމިގްރޭޝަންގެ ހިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދެވި، އިހަވަންދިއްޕޮޅުގައި އިމިގްރޭޝަންގެ ހިދުމަތްތައް އިތުރަށް ފުޅާވެ، ތަރައްގީވެގެންދާނެ ކަމަށް އިމިގްރޭޝަންއިން ބުންޏެވެ.

ދުނިޔޭގައި ބަންކަރިންގެ ހިދުމަތުގައި ކުރިއަރާފައިވާ ވިޓޯލް ކުންފުންޏާ ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

އަދި އޭގެ އިތުރުން ބަންކަރިންގެ ހިދުމަތްތަކާއެކު އިތުރު ހިދުމަތްތައްވެސް އެ ސަރަހައްދުގައި ފޯރުކޮށްދިނުމަށް މެރިޓައިމް ހިދުމަތްތައް ދެވޭ އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އުލިގަމުގައި ހަމަ އެ މަހު ހުޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *