އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް މޯލްޑިވްސް އިމިގްރޭޝަނުގެ ހިދުމަތްތައް ފުޅާވެ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން ކަމަށް މޯލްޑިވްސް އިމިގްރޭޝަނަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަ އޮޕް ޕޮލިސް (ރިޓަޔާޑް) އަހްމަދު ފަސީހު ވިދާޅުވެއްޖެ އެވެ.

އިމިގްރޭޝަނުގެ 75 ވަނަ އަހަރީ ދުވަހާ ގުޅިގެން އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ފަސީހުގެ ހާއްސަ މެސެޖުގައި ވިދާޅުވީ އެ ހިދުމަތުގެ 75 އަހަރުގެ ދިގު ތާރީހުގައި ގައުމުގެ ދޮރާށިތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައްޔާއި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނާ އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންދާ ކަމަށެވެ.

އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް އިމިގްރޭޝަނުގެ ހިދުމަތްތައް ފުޅާވެ، ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެވި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ލިބިގެންދިއުން ކަމުގައި ފަސީހް ފާހަގަކުރެއްވި އެވެ.

އަލިމަސް ޔޫބީލް ފާހަގަކުރަމުންދާއިރު، ފަސީހުގެ މެސެޖުގައި ވަނީ އިމިގްރޭޝަނަށް ހިދުމަތްކުރި އަދި މިހާރު ވެސް ހިދުމަތްކުރަމުން އަންނަ ހުރިހާ އޮފިސަރުންނަށް ޝުކުރާއި ދުވަހުގެ ތަހުނިޔާ ދަންނަވާފަ އެވެ.

އިމިގްރޭޝަނަށް 75 އަހަރު ފުރުން ފާހަގަކުރަން އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ދުވަހާ ގުޅިގެން ރަސްމީ ޖަލްސާއެއް ބޭއްވުމާއި ފަންފެއާއަކާއި ޗެރިޓީ ރަންއެއްގެ އިތުރުން ކުޑަކުދިންގެ ހަވީރީ ކުއިޒެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.

ރާއްޖޭގައި އިމިގްރޭޝަނުގެ ހިދުމަތް ދޭން ފަށާފައި ވަނީ 1950 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ. “ޕާސްޕޯޓު އޮފީސް” ގެ ނަމުގައި ފެށި ހިދުމަތް “ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން” އަށް ފަހުން ވަނީ ބަދަލުކޮށްފަ އެވެ. މިހާރު ބޭނުންކުރަމުން އަންނަ ނަން، “މޯލްޑިވްސް އިމިގްރޭޝަން” އަށް ބަދަލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

Leave a Reply

Your email address will not be published. Required fields are marked *