ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ)އިން ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ހުޅުވާލީ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްއަށް އެސިސްޓެންޓް މެނޭޖަރަކާއި ހަތް ސޭލްސް އޮފިސަރުގެ މަގާމުގެ އިތުރުން 10 ކޯލް ސެންޓާ ރެޕްރެޒެންޓޭޓިވްގެ މަގާމެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ އެކަކަށް ހަމަވާނެއެވެ.

އޭގެ އިތުރުން ބިޒްނަސް ޑިވޮލޮޕްމަންޓް އެނަލިސްޓެއްގެ މަގާމަށް ކުރިމަތިލާން އިއުލާންކޮށްފައި ވެއެެވެ. އެއީ މި މަހުގެ ނިޔަލަށެވެ.

ސްޓޭޓް ފާމާއިން ބުނި ގޮތުގައި އެ ކުންފުންޏަށް އަލަށް 100 އެއްހާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އަދި އެ އަދަދަށް ދިވެހި ފާމަސިސްޓުން ނުލިބޭތީ ބޭރު މީހުން ވެސް އެ މަގާމަށް ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ.

ކުރިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހިންގަމުންދިޔަ 193 ބޭސްފިހާރަ ސްޓޭޓް ފާމާގެ  ދަށަށް ބަދަލުކޮށް ރަސްމީކޮށް ހިދުމަތް ދޭން ފެށީ މިިދިޔަ ޖުލައި މަހުއެވެ.

ސްޓޭޓް ފާމާ އުފެއްދީ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ވަކި ކުންފުންޏެއްގެ ދަށުން ބޭހުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގޮތުންނެވެ. އަދި އާ ކުންފުންޏާ އެކު ބޭހުގެ ދަތިކަން ހައްލުވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.