ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެންބަރުކަމަށް މއ. ސިގްމާ މުހައްމަދު މުޖްތާޒް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ސީއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، މުޖްތާޒް، ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދުގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ.

މުޖްތާޒަށް ހުވައި ލައިދެއްވީ، ފަނޑިޔާރު ޝަހީދެވެ. އަދި ސީއެސްސީގެ މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސް އެ ރަސްމިއްޔާތުގައި މުޖްތާޒާ ހަވާލުކުރެއްވި އެވެ.

މުޖްތާޒަކީ މޯލްޑިވްސްކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މުޖްތާޒް ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އަދި އެނޫންވެސް އިސް މަގާމުތައް ފުރުއްވާފަ އެވެ.

Leave a Reply