
ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ އެހީގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު އިފުތިތާހުކޮށްފި އެވެ.
ދެ ވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު އަދި އެސްއެފްޑީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 400 ހައުސިން ޔުނިޓު އަޅާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ. މަޝްރޫއާ ގުޅޭ ތަފުސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
Minister @MoosaZameer and H.E. Sultan bin Abdulrahman Al-Marshad, CEO of @SaudiFund_Dev, inaugurated the 400 Affordable Housing Units Project financed by SFD today. pic.twitter.com/95gEFT0PwU
— Ministry of Finance and Planning (@MoFmv) April 14, 2025
ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެެއް އިފުތިތާހު ކުރެވުނުއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުގެ މަސައްކަތް ނިންމުމަށް އިތުރު 63.7 މިލިއަން ސައުދީ ރިޔާލް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެއީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ.
މިއަދު ދިނުމަށް ނިންމި ލޯނާ އެކު ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ސައުދީ ފަންޑުން ހަމަޖައްސައިދިން ލޯނުގެ ޖުމްލަ 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އިތުރުވާނެ އެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި 17 ލޯނަކަށް ޖުމްލަ 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ސައުދީ ފަންޑުން ވަނީ ހަމަޖައްސައިދީފަ އެވެ.




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































