ވައިގެ މަގުން  ދެ ކިލޯގެ ކެނެބިސް އެތެރެކުރަން އުޅުނު އިންޑިއާ މީހަކު އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި އެ ތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެ ތަކެތި އަތުލައިގަތީ އިންޑިއާއިން ރާއްޖެއައި ފަސެންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށް ގެނެސްފައިވާ ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އެ ފަސެންޖަރުގެ ލަގެޖު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށް ވެސް ކަސްޓަމްސްއިން ބުންނެވެ.

އެގޮތުން އަތުލައިގަތް ތަކެތީގައި ދެ ކިލޯގެ ކެނެބިސް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

އެ މައްސަލައިގައި ޝާމިލު ފަސެންޖަރުގެ ނަމެއްވެސް ހާމައެއް ނުކުރެއެވެ.

ފަހަކަށް އައިސް ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މަސްތުވާތަކެތީގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މި މަހު ވެސް ޕޯސްޓު މެދުވެރިކޮށާއި ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ކެނަބިސް އަތުލައިގެންފައިވެއެވެ.