
ދަރަނި ރީސްޓްރަކްޗާ ނުކުރާ އެހެން ގައުމުތައް ވެސް ނޭޕާލަށް ވީހެން ވެދާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
ނޭޕާލްގައި ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމުތައް މަނާކުރަން ނިންނި ނިންމުމާ ގުޅިގެން އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުން ނެވެ. އަދި ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވެސް ދަނީ ދެމުން ނެވެ. އެއާއެކު ސަރުކާރު ވެސް މިހާރު ވަނީ އިސްތިއުފާ ދީފަ އެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި މިއަދު ވިދާޅުވީ ކޮރަޕްޝަނާއި، ކަންކަން ރަނގަޅަށް މެނޭޖުނުކުރެވުމާއި ދަރަނި އިންތިހާއަށް އިތުރުވުމާ ގުޅިގެން ސަރުކާރަކަށް ފަހު ސަރުކާރަކަށް ލޮޅުން އަރަމުންދާ ކަމަށެވެ.
Corruption, mismanagement, as well as excessive debt, are destabilising Govt after govt. Now Nepal. If developing countries can’t restructure their debts and bring good governance, no doubt we will see protests in more countries. The world must wake up to this or face more chaos.
— Mohamed Nasheed (@MohamedNasheed) September 10, 2025
އަދި ތަރައްގީވަމުން އަންނަ ގައުމުތަކުން ދަރަނި ރީސްޓްރަޗާ ނުކުރެވި ގައުމުތަކުގެ ހިންގުން ރަނގަޅުކޮށްފިނަމަ މިހާޜަށް ވުރެ ގިނަ ގައުމުތަކުގައި ވެސް މުޒާހަރާތައް ފެށޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
“ދުނިޔެއިން އެބަ ޖެހޭ މިކަމަށް ހޭލަން ނޫނީ ޖެހޭނީ ހަމަނުޖެހުންތަކާ ކުރިމަތިލާން” ނަޝީދު ވިދާޅުވި އެވެ.
ދަރަނީގެ ކަންބޮޑުބުން ރައީސް ނަޝީދު ފާހަގަކުރެއްވި އިރު ރާއްޖޭގެ ދަރަނި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ރާއްޖެ ބަނގުރޫޓްވެދާނެ ކަމުގެ އިންޒާރު ބައިނަލްއަގުވާމީ ބައެއް ފަރާތްތަކުން ދިން ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެފަދަ ބިރެއް ނެތް ކަމަށެވެ.
މި އަހަރު ވެސް ބޮޑެތި އަދަދުތަކުން ދަރަނި ދައްކަން ޖެހޭ އިރު އަންނަ އަހަރު ވެސް ރެކޯޑް އަދަދެއްގެ ދަރަނި ރާއްޖެއިން ދައްކަން ޖެހޭނެ އެވެ.
ރާއްޖެއިން މިހާރު އެންމެ ބޮޑަށް ދަރާފައިވާ ގައުމަކީ އިންޑިއާ އެވެ.




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































