ފުލުހުންގެ ގާބިލުކަން އިތުރުކުރަން ޗައިނާއާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ސިއަންހުއާއާ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންއެވެ.

އެގޮތުުން އެ ބައްދަލުވުމުގައި ވަނީ ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކޮށް އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރައްވައިފައެވެ.

ހަމަ އެެހެންމެ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އަދި ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމާއި، އެކި ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ޕޮލިސް ކޮމިޝަނަރު ޝުކުރު އަދާކުރެއްވިއެވެ.