އަދާލަތު ޕާޓީން މެލޭޝިއާގައި ޑިގްރީއަށް ކިޔަވަން 20 ސްކޮލަޝިޕްގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ ޕާޓީން މިއަދު ބުނީ މިއީ މެލޭޝިއާގެ އަލް-ބުޚާރީ އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން އެ ޕާޓީއަށް ލިބުނު 20 ސްކޮލަޝިޕް ކަމަށެވެ.

އެ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 25އާ ހަމައަށް ހުޅުވާލައިފައިވާ އިރު ކުރިމަތިލިވޭނީ އުމުރުން ކައިވެނިނުކޮށް ތިބި 17 އަހަރާއި 23 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އޭގެ އިތުރުން ގްރޭޑް 12 ފުރިހަމަކޮށްފައިވާ ފަރާތްތަކަކަށްވާން ޖެހޭނެ ކަމަށާއި އަދި ސްކޮލަޝިޕް ދޭއިރު މާލީ ގޮތުން ފުއްދުންތެރި ނޫން ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ސްކޮލަޝިޕްގެ ދާއިރާތައް

  • ބިޒްނަސް
  • ތައުލީމު، އިޖުތިމާޢީ އަދި އިންސާނީ ސައިންސް އާ ގުޅޭ ދާއިރާތައް
  • ކޮމްޕިއުޓާ ސައިންސް، ޑާޓާ ސައިންސް، އިންފޯމޭޝަން ޓެކްނޮލޮޖީ އަދި ސައިބަރ ސެކިއުރިޓީ

އެ ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް މި އަހަރުގެ އޮކްޓޫބަރު މަހުގެ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އަދާލަތުން ބުންޏެވެ.