ރާއްޖޭގެ މެރިކަލްޗާ ސިނާއަތަށް އިތުރު ދިހަ ސަރަހައްދެއް ކަނޑައަޅައިފިއެވެ.

ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ މެރިކަލްޗާ ސިނާއަތް ފުޅާކޮށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި އެ މަސައްކަތަށް އިތުރު 10 ޒޯނެއް ވަނީ ކަނޑައަޅާފައެވެ. އެ ދިހަ ޒޯނު ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:

  • ތ. އަތޮޅު 2 ސަރަހައްދު
  • މ. އަތޮޅު 3 ސަރަހައްދު
  • ފ. އަތޮޅު 2 ސަރަހައްދު
  • ދ. އަތޮޅު 2 ސަރަހައްދު
  • ގއ. އަތޮޅު 1 ސަރަހައްދު

މީގެ އިތުރުން ބޮޑު ތިލަދުންމައްޗާއި މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް ކަނޑައަޅާފައިވެއެވެ.

މިހާރު ރާއްޖޭގެ 13 ސަރަޙައްދެއް މިކަމަށް ޚާއްސަކޮށް ކަނޑައަޅާފައިވާއިރު ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ. މެރިކަލްޗާ ސިނާއަތް ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ދޫކުރުމާއި، އަލަށް މެރިކަލްޗަރގެ ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ އިތުރުން ޚާއްސަ ލުއިތަކަކާއި އެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވެސް ހަމަޖައްސާފައިވެއެވެ.

ރާއްޖޭގައި މެރިކަލްޗާގެ ސިނާއަތް ފުޅާކޮށް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މިކަމުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެވެ.