މ. މުލީގައި ތަރައްގީކުރި އެއާޕޯޓަށް ޓެސްޓު ފްލައިޓް މިއަދު ޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން އެކްސްފައި މިއަދު ބުނީ މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމާއެކު، މިއަދު ކާމިޔާބުކަމާއެކު ޓެސްޓް ފްލައިޓް ޖައްސާފައިވާ ކަމަށެވެ.

އެއާއެކު ހައުސިން މިނިސްޓަރު ވެސް އެކްސްގައި ޕޯސްޓެއް ކުރައްވާ ވިދާޅުވީ  މ. އަތޮޅުގެ ރައްޔިތުންގެ ދަތުރުފަތުރުގެ ފަސޭހައަށް އަދި އެއަތޮޅުގައި ފަތުރުވެރިކަން ފުޅާވެ އިގުތިސާދީ ނަފާ އިތުރުކުރުމަށް މުލީ އެއާޕޯޓަކީ ނުހަނު މުހިއްމު ބިނާރެއް ކަމަށެވެ.

“މި އެއާޕޯޓު ޢާންމު ދަތުރުތަކަށް ހުޅުވުމަށް ކުރެވެމުންދާ މަސައްކަތުގައި މިއަދަކީ މުހިއްމު ދުވަހެކެވެ.” މިނިސްޓަރު ވިދާޅުވި އެވެ.

ޓެސްޓު ފްލައިޓަށް ފަހު  ސިވިލް އޭވިއޭޝަނުން އެސެސްމަންޓްތައް ވެސް ހަދަން ޖޭހެެނެ އެވެ. ކޮމާޝަލް ފްލައިޓްތަކަށް ހުއްދަ ދޭނީ އޭގެ ފަހުން ނެވެ.

މ. ގައި އަދި އެއާޕޯޓެއް ނުހުންނަ އިރު މުލީ  އެއާޕޯޓަށް ކޮމާޝަލް ފްލައިޓްތައް ދަތުރުކުރަން ފަށާނެ ވަކި ދުވަހެއް އަދި ހަމާއެއް ނުކުރެ އެވެ.

މުލީގައި އެއާޕޯޓެއް އަޅަން އެމްޓީސީސީއާ ހަވާލުކުރީ 2021 ވަަނަ އަހަރު އެވެ.

އެ މަސައްކަތް އެމްޓީސީސީއާ އޭރު ހަވާލުކުރީ އެއް އަހަރު ދުވަހުން ނިންމާ ގޮތަށް 221 މިލިއަން ރުފިޔާ އަށެވެެ.

ރީޖިނަލް އެއާޕޯޓްސް ކުންފުނީގެ ދަށުން މުލީ އެއާޕޯޓްސް ހިންގަން ނިންމާފައިވާ އިރު އެތަނަށް ބޭނުންވާ ބައެއް މުވައްޒަފުން މިހާރު ވަނީ ނަގައިފަ އެވެ.

Leave a Reply