މިނިވަންކަން ދެމެހެއްޓުމަށް މުޖުތަމައުގައި ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުމްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ މިއަދު ދިވެހިންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. މި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ގައުމީ ލޯބި އިސްކުރުމާއި، ޒުވާނުންގެ ގާބިލުކަން އިތުރުކުރުމަށާއި އަމިއްލަވަންތަކަމަށް އޮތް ފަހުރުވެރިކަން ދެމެހެއްޓުމަށާއި ބަދަހި ގުޅުމެއް އޮތުން އިންތިހާއަށް ބޭނުން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި މި ސިފަތަކުން ސިފަ ލިބިގަނެ މިނިވަންކަމާއެކު ގައުމާއިގެން ކުރިއަށް ދިއުމަށް އިލްތިމާސްކުރާ ކަމަށާއި ކާމިޔާބު ހިނިތުންވާނީ ހިންމަތްތެރިންގެ ފަހަތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ އެ ޕޯސްޓުގައި ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވައި ރާއްޖޭގެ މިނިވަނންކަމުގެ ކާމިޔާބީއަށްޓަކައި ގުރުބާންވީ ބަތަލުންނަށް ހެޔޮދުއާ ވެސް ދަންނަވާފައެވެ.