މާލޭ ވިޔަފާރި ބަނދަރުން ދެމުންގެންދާ ބައެއް ޚިދުމަތްތައް ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

އިގުތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިކަން ހާމަކުރެއްވީ، ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އިއްޔެ ތިލަފުއްޓަށް ކުރެއްވި ޒިޔާރަތެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، 40 އަހަރުވެފައިވާ މާލޭ ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް ފާއިތުވި ސަރުކާރުތަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށްދާއިރު ޕޯޓުގެ ޚިދުމަތްތަކަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބަދަލާ އެކު ތިލަފުށީގައި ދޭން ފަށާ ޚިދުމަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވީ، އޮކްޓޯބަރު މަހަށް 100 މީޓަރުގެ މަގަތުފާލަމެއްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މީގެ އިތުރުން 80 މީޓަރުގެ ބާޖެއްގެ އެހީގައި ކޮންޓެއިނަރު ކްލިއަރކުރުމާއި، ބޯޓުފަހަރަށް މުދާ އެރުވުމުގެ މަސައްކަތް ވެސް ތިލަފުށީގައި ފެށިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލެއާއި ހުޅުމާލެއަށް ގެންނަ މުދާ 24 ގަޑިއިރު ތެރޭގައި ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެހި، އޮކްޓޯބަރުން ފެށިގެން ދެ ބަނދަރުގައި ވެސް އެއްވަރަކަށް އޮޕަރޭޝަންތައް ކުރިއަށްދާނެކަން ޝަފީޤު ކަށަވަރުކޮށްދެއްވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމެވެ. މި މަޝްރޫޢުގެ އެންމެފަހުގެ މަޢުލޫމާތާއި، ބަނދަރުގެ ޚިދުމަތްތަކަށް އަންނާނެ ބަދަލުތައް ވިޔަފާރިވެރިންނާ ޙިއްޞާކުރުމަށްޓަކައި، އިއްޔެގެ ޒިޔާރަތުގައި އެމްޕީއެލްގެ އިސް ވެރިންގެ އިތުރުން ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް ބޮޑެތި ކުންފުނިތަކުގެ މަންދޫބުން ވެސް ވަނީ ބައިވެރިވެފައެވެ.