މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގުކުރަން ޗައިނާގެ އެހީގައި ރާއްޖޭގެ ޕްރޮސެކިއުޓަރުން ތަމްރީންކުރަން މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކުރިއަށް ދިޔައީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުޓޮރޭޓްގެ އިސް ވެރިންގެ ވަފްދާއެކު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން މިއަދު ބޭއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

އެ މަޝްވަރާތަކުގައި، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ތަމްރީނުކުރުމާއި، އެ އޮފީހުގެ އުމްރާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްގީ ކުރުމުގައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކުރިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެގޮތުން ކޭސް މެނޭޖްމަންޓް ސިސްޓަމަށް އޭއައި އިންޓަގްރޭޓް ކުރުމާއި، ފައިލިންގ ނިޒާމެއް ގާއިމުކުރުމާއި، އިމާރާތުގެ ދަތިކަން ވެސް  ޗައިނާގެ ވަފުދާ ހިއްސާކުރިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އޭގެ އިތުރުން ސައިބާ ކްރައިމް، ފްރޯޑް، މަނީ ލޯންޑްރިން ފަދަ މާލީ ތަހުގީގުތައްކޮށް އެފަދަ ކުށްތައް ޕްރޮސިކިއުޓްކުރުމަށް ޕްރޮސިކިއުޓަރުންނަށް ފަންނީ އެހީތެރިކަމާއި، ޓްރެއިނިން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޗައިނާގެ އެ ވަފުދުގެ ދަތުރަކީ ޗައިނާގެ ޕަބްލިކް ޕްރޮސިކިއުޝަން މަސައްކަތްކުރައްވާ އިދާރާގެ ވެރިން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުކަމުން، މިއީ ތާރީހީ ދަތުރެއް ވެސް މެ އެވެ.