އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުވުމުގައި ޑރ. ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާ ސަރުކާރުން ރާއްޖެއަށް ބަހައްޓަވާ ގާތްކަމާއި އިސްލާމީ ދާއިރާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖެ އާ ސައުދީ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވަނީ 1981ވަނަ އަހަރުގައެވެ. އޭރުންސުރެ ރާއްޖެ އާއި ސައުދީ އަރަބިއްޔާ އާ ގާތް ގުޅުމެއް އޮވެއެވެ. އަދި މި ފަހުން އެ ގައުމުން ވަނީ ރާއްޖެއިން ހައްޖަށްދާ ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ގާއިމްކޮށްފައެވެ.