
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު, ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި އޮތް މި ބައްދަލުކުރެއްވުމުގައި ވަޒީރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ދެމެދު ދެފަރާތުން އިސްކަންދޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ތާރީހީ އަދި ސަގާފީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި، މުޖުތަމައުގެ އެހީތެރިކަމާ އެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ދެފަރާތުން ހިޔާލު ބަދަލުކުރެއްވިއެވެ.
ހަމައެއާ އެކު، ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކައާއި، އާދަކާދަތަކާއި، އުސޫލުތައް ދަމަހައްޓައި އާލާކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ވަޒީރަށާއި އެކަމަނާގެ ވަފުދަށް މަރުހަބާ ދަންނަވައި، ގައުމުގެ ސަގާފީ އަދި ތާރީހީ ތަރިކަ ހިމާޔަތްކުރުމުގައި ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާ އެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި އަންނަން އޮތް ޖީލުތަކަށް ގައުމުގެ އަމިއްލަވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ފުލުހުންގެ ޚިދުމަތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































