އިސްލާމީ ގައުމުތައް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކަންޓްރީސް (އޯއައިސީ)ން ބާއްވާ ބައްދަލުވުމަކަށް ބައިވެރިވެވަޑައިގަތުމަށް ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދީ އަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި ސައުދީގެ ޖިއްދާގައި މާދަމާ ބާއްވާ އިސްލާމީ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތާކާއި، ދެކޮޅަށް ސަޢުދިީގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ތަޤުރީރު ކުރައްވާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މި ފަހަރު ބައްދަލުވުމުގައި ވެސް ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޚައްޤުޤައި ވަކާލާތުކުރައްވާނެ ކަމަށް ވަޒީރު ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ވިދާޅުވިއެވެ. އަދި ޔަހޫދީ ދައުލަތުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޚަރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

“އަޅުގަނޑުމެންގެ ސްޓޭޓްމެންޓުގައި އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް މިހާރު ގާޒާގެ ސުލްހައަށް އދ. ސަލާމަތީ މަޖިލީހުން ނެރެފައިވާ މަގުޗާޓު ތަންފީޒުކުރުމަށް ހުރިހާ މެންބަރު ޤައުމަކުން ބާރުއަޅާ، އޯއައިސީގެ ހުރިހާ މެންބަރު ޤައުމަކަށް ގޮވާލާނެ. އަދި ޣައިރު ޤާނޫނީ ޢަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އަޅުގަނޑުމެން ދޭ ސްޓޭޓްމެންޓުގައި އެކަން ބަޔާން ކުރެވޭނެ.” އިރުތިޝާމް ވިދާޅުވިއެވެ.

މި މައްސާލަގައި ދިވެހި ސަރުކާރުގެ އަބަދުވެސް ސްޓޭންޑަކީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ވުމުގެ ހައްގު ލިބެން ޖެހޭ ކަމާއި، އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ލާއިންސާނީ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމެވެ. އެ ގޮތުން 1967 ބޯޑަރަށް އެނބުރި ރުޖޫޢަވެ، ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ބަލައިގަތުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރެއެވެ. މީގެ އިތުރުން ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމަތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ކޮންމެ މަންސައެއްގައި ދިވެހި ރާއްޖެއިން މިހާރު ދަނީ ފާޅުގައި ވަކާލާތު ކުރަމުންނެވެ.