ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރު ކަމުގެ މަޤާމުން ދާނިޝް މުހައްމަދު އަމީން މިއަދު އިސްތިއުފާދެއްވައިފިއެވެ.

މި ކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ފަރާތުން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވި ސީދާ ސަބަބެއް މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ބޯޑު މެންބަރުކަމުން އޭނާ ވަކިވެވަޑައިގަތުމާ ގުޅިގެން، ކުންފުނީގެ ކުރިއެރުމަށް ދެއްވި އެއްބާރުލުމާއި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް އެސްޓީއޯއިން ވަނީ މީސްމީޑިއާގައި ޝުކުރު އަދާކޮށްފައެވެ. އޭގެ އިތުރުން، ބޯޑުން މިހާރު ހުސްވެފައިވާ ޖާގައަށް އައު މެންބަރަކު އައްޔަނުކުރުމުގެ ކަންކަން، ކޯޕަރޭޓް ގަވަނަންސްގެ މިންގަނޑުތަކާއި ކަމާގުޅޭ ޤާނޫނުތަކުގެ ތެރެއިން ވަރަށް އަވަހަށް ކުރިއަށްގެންދާނެކަން ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

ދާނިޝްއަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ދަރިކަލުންނެވެ.