އެމްޑީޕީގެ ސަރުކާރުތަކުގައި ކޮމިޝަންތަކާއި އޮފީސްތައް ހަދައިގެން ކުރިހާ ވެސް ކަމަކީ ގާތް މީހުންނަށް ލާރި ބެހުންކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކުންފުނިތަކުން 33 އިންސައްތަ މުވައްޒަފުން މަދުކުރާތީ އެމްޑީޕީން ހުށަހެޅި ގަރާރެއްގެ ބަހުސްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވެސް އެކި ރިޔާސީ ކޮމިޝަންތައް ހެދީ ވެސް ގާތް މީހުންނަށް ވަޒީފާއާއި ފައިސާ ދޭންކަމަށެވެ. ކުންފުނިތަކަށް އިތުރު މީހުން ވެއްދުމާއި އިތުރު ކޮމިޝަންތައް ހެދުމާ، އެ ކޮމިޝަންތަކަށް މީހުން ނެގުން އެއީ އެ ޕާޓީ އިން ރާވައިގެން ފެށި މަޝްރޫއެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ފަަސް އަހަރުގެ ދައުރުގެ ތެރޭގައި ކުންފުނިތަކަށް 10,000އަށްވުރެ ގިނަ މީހުން ވައްދައި، ކުންފުނިތަކުގެ ޕޭރޯލަށް ނުތަކާ ވަރު ކުރި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

“މަރު ކޮމިޝަނެއް ހެދި. އެސެޓް ރެކަވަރީ ކޮމިޝަނެއް ހެދި. އޮމްބަަޑްސްޕާސަން އޮފީހެއް ހެދި. ރައްޔިތަކަށް އެއިން ތަނަކުން ކޮށްދިން ކަމެއް ނެތް،” އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ދެ އަހަރާއި ބައި ވެގެން ދިޔަ އިރު ވެސް ކުންފުނިތަކަށް ވައްދާފައި ތިބި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރާ ކަމަށާއި ނަމަވެސް ކުންފުނިތަކަށް ދައުލަތުން ފައިސާ ދީގެން ނޫނީ ނުހިންގޭ ހިސާބަކަށް ދިއުމުން ހަރަދު ކުޑަކުރަން ޖެހޭ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.