
ރާއްޖޭގެ މާލީ ދާއިރާގެ އިސް މަޤާމުތަކުގައި ބިދޭސީން ތިބޭ ނިސްބަތް މަދުކުރުމުގެ ބޭނުމުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ބޭންކުތަކުގެ މަތީ ފަންތީގެ މަޤާމުތަކުގެ 80 އިންސައްތައަކީ ދިވެހިން ކަމުގައި ހެދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަޙްމަދު މުނައްވަރު އިޢުލާނުކުރައްވައިފިއެވެ.
މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ ޑިޖިޓަލް ޚިދުމަތްތައް ތަޢާރަފުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ، މިވަގުތު ރާއްޖޭގައި ހިންގާ ބޭންކުތަކުގެ މެނޭޖިންގ ފެންވަރުގެ ވަޒީފާތަކުގައި ގިނަ ޢަދަދަކަށް ބޭރު ޤައުމުތަކުގެ މީހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން، އެފަދަ ނިންމުންތައް ނިންމާ ފެންވަރުގެ މަޤާމުތަކުގެ 40 އިންސައްތަ ކޮންޓްރޯލްކުރަނީ ބިދޭސީންކަން ފާހަގަކުރައްވައި، މިއީ އަވަސް ބަދަލެއް ގެންނަންޖެހިފައިވާ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި އައު އަމާޒަށް ވާސިލުވުމަށްޓަކައި އެމްއެމްއޭއިން ވަނީ ޢަމަލީ މަސައްކަތްތަކެއް ފަށާފައެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ދާއިރާއަށް ފަރިތަ ޤާބިލު ދިވެހިން ބިނާކުރުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް (އޭއައިސީބީ)އާ އެކު މިހާރު ވާނީ ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މީގެ އިތުރުން، “ހިއުމަން ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑު”ގެ ނަމުގައި ޚާއްޞަ ފަންޑެއް އެކުލަވާލައި، މާލީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































