އައްޑޫ ސިޓީ ހިތަދޫގެ ފިށިމަތި ސަރަހައްދު ހިއްކުމާ ދެކޮޅަށް އަޑު ގަދަވެފައިވާއިރު އެ ކަމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދައްކަވައިފި އެވެ.

ތިމާވެށީގެ ރޮނގުން އެކި އެވޯޑުތައް ވެސް ހާސިލްކޮށްފައިވާ ނަޝީދު ވިދާޅުވީ އެ ތަނަކީ ކުދިމަސް، ކަކުނި، ޑިންގާ ފަދަ ދިރުންތަކުގެ ނާސަރީއެއްް ކަމަށެވެ.

މަގެއް މިހާރު ވެސް އޮތް ހިސާބުގައި އެ ތަން ހިއްކައި ނުލާ ފަރުނުޖެހިގެން އުޅެންވީ ސަބަބެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

“ވެށި ހަލާކު ކުރުމަކީ ހަމަ އެންމެ ރަނގަޅު، ކުރަމުން ހިނގާންވީ ކަމެެއް ކަމަށް ދުށުމަކީ ވަރަށް ބޮޑު ގޯހެއް,” ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ މުއައްސިސް ނަޝީދު ލިއުއްވާފައިވެ އެވެ.

މޫލެޑެގެ ފިޝިމަތި ސަރަހައްދު، ސަރުކާރުން ހިއްކަނީ އައްޑޫ ލިންކް ރޯޑަކީ އެ ދިމާލުން ސީދަލަށް އޮންނަ މަގަކަށް ހެދުމަށެވެ. އެ ސަރަހައްދުން 2.5 ހެކްޓަރުގެ ބިން ހިއްކަ އެވެ.

އެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެދި ޕްރޮޖެކްޓް ތިމާވެށި ޖަމިއްޔާއިން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ.

އެ ސިޓީ ފޮނުވާފައި ވަނިކޮށް އިއްޔެ އެ ތަނުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.