އަރަފާތު ދުވަހު ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފި އެވެ.

މިނިސްޓަރު އެހެން އިލްތިމާސް ކުރެއްވީ އަރަފާތު ބިމުގައި ހުންނަވާ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

ޝަހީމް ވިދާޅުވީ މިއަދު އަރަފާތު ދުވަހާ ބައްދަލުވެފައި މި ވަނީ މުސްލިމް އުއްމަތަށް އުފާވެރި ދުވަސްތަކެއްގައި ނޫން ކަމަށެވެ. އެހެންކަމުން ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުންގެ މަތިން ހަނދާންކޮށް، ހެޔޮ ދުއާ ކޮށްދޭން ޖެހޭނެ ކަމަށެވެ.

“އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިއްސަ މި ތިބީ. މި ހުރިހާ ކަންކަމަކުން ވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަހުވަތްތެރިކަމާއި އޯގާވަންތަވެރިކަމާއި ރޫހާނިއްޔަތުކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރި ކަމެއް އަރަފާތު ދުވަހުގެ އަޅުކަމަކީ،” ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރުގެ ވާހަކައިގައި ވަނީ މި އަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާފަ އެވެ. ހާއްސަކޮށް ހައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްހަތާ ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމު ކުރައްވާތީ ސައުދީ ސަރުކާރަށް ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

Leave a Reply