އަނެއްކާވެސް ބުރިޖު މަތީގައި ނުރައްކާތެރިކޮށް ދުއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސައިކަލު މަތީގައި އޮށޯވެ އޮވެގެންނާއި، މަގު ރަނގަޅަށް ނުފެންނަވަރަށް ބޯ ތިރިކޮށްގެން ބާރު ސްޕީޑުގައި ބަޔަކު ދުުއްވި މައްސަލައެއް މިދިޔަ ޖުލައި މަހުވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި ނުރައްކާތެރިކޮށް ދުއްވި  ތިން ސައިކަލު ދެނެގަނެ 30ދުވަހަށް އެ ވެހިކަލްތައް ޓޯކޮށް ތިން މީހަކު ޖޫރިމަނާވެސް ކުރިއެވެ.

އޭގެ މަހެއް ފަހުން އަނެއްކާވެސް ބުރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އެގޮތުން އޭގެން ވީޑިއޯއަކުން ފެންނަގޮތުން ޒުވާން ފިރިހެނަކު އަތް ދޫކޮށްލައި ދެ ފައި ވެސް އެެއް ވާތް ފަރާތު އަރިމައްޗަށް ލައިގެން ސައިކަލު ދުއްވާތަން ފެނެއެވެ.

މިއީ ވަރަށް ނުރައްކާތެރި ދުއްވުމަކަށްވާ އިރު އެކްސިޑެންޓްތައް ވެސް ހިނގުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.

ފުލުހުން ބުނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަަމަށާއި އަދި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ފަހަކަށް އައިސް ބުރިޖު މަތީގައި ހިނގާ އެކްސިޑެންޓްތައް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.