ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކުރާ އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ކުރިމަތިލައްވަން ނިންމަވައި، އެކަން ރަސްމީކޮށް އިޢުލާނުކުރައްވައިފިއެވެ.

މީސްމީޑިއާ މަންސަ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ރާފިޢު ވިދާޅުވެފައި ވަނީ، މާތް ﷲގެ ވާގިފުޅާ އެކު އެ މަޤާމަށް ވާދަކުރެއްވުމަށް ޤަޞްދުކުރައްވާ ކަމަށެވެ. އަދި ކޮންގްރެސް ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އޭނާ އިންތިޚާބުކޮށްދެއްވުމަށްޓަކައި، މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެންބަރުންގެ ތާޢީދަށް ނުހަނު އިޚުލާޞްތެރިކަމާ އެކު އެދިވަޑައިގަންނަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މާގާމަށް ރާފިއުގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވެސް ވަނީ އެ މާގަމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.

ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.