
ވ. ކެޔޮދޫ ފުޓުބޯޅަ ދަނޑުގެ ލައިޓިންގ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރެޕިޑް އިންޖިނިއަރިންގ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ދައުލަތުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހީމް ނިޔާޒެވެ. އަދި މަސައްކަތުގެ ކޮންޓްރެކްޓާ ހަވާލުވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ރެޕިޑް އިންޖިނިއަރިންގގެ ކޯޕަރޭޓް އެފެއަރޒް މެނޭޖަރު ކަމުގެ މަގާމުގައި ހުންނެވި އަމާނީ އާދަމެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، ސަރުކާރުން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަމަލީ ގޮތުން މަސައްކަތް ފަށާތާ 75 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދަނޑު ދިއްލުމުގެ މަސައްކަތް މުޅިން ނިންމައި ހަވާލުކުރާ ގޮތަށެވެ.



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































