މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ ސެކެޓްރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގެ އެސްޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ޒީނިޔާ މިދިޔަ މަހުގެ 25 ގައި ވަކިކުރުމުންނެވެ.

ޒީނިޔާ ވަކިކުރީ ބްރޯޑްކޮމްގެ ނިންމުންތަކަށް އިހުތިރާމް ނުކުރުމުގެ މައްސަލަ އާއި މުވައްޒަފެއްގެ ހައްގަށް އިހުމާލުވުމުގެ މައްސަލަތަކެއްގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު ހިންގުމުގެ ދާއިރާއިން މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ. ނުވަތަ މާސްޓާސް ޑިގްރީ ހާސިލު ކޮށްފައިވުމާ އެކު ހިންގުމުގެ ދާއިރާގައި މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުރުން ހިމެނެ އެވެ.

އިތުރު އެހެން ބައެއް ޝަރުތުތައް:

  • އުމުރުން 25-55 އަހަރުގެ މީހެއް ކަމުގައި ވުން
  • ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތަކަށް ނުވުން
  • ކޮމިޝަނުގައި އެ މީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ކުރިމަތިލާ މީހާ ހޮވިއްޖެ ނަމަ އެ މީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެ ކަމުގެ ލިޔުން އޮތުން

އެ މަގާމުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 35،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަނޑައަޅާފައި ވެ އެވެ.

Leave a Reply