
ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ބޭންކުތަކަށް 2025 ވަނަ އަހަރު ޓެކްސް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 5.15 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 356 މިލިއަން ޑޮލަރު) ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިކަން ހާމަކުރެއްވީ މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގަވަރުނަރު އަޙްމަދު މުނައްވަރު ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ގަވަރުނަރު ފާހަގަކުރެއްވި މުހިންމު ތަފާސްހިސާބުތަކާއި ބޭންކިންގ ދާއިރާގެ ކުރިމަގަށް ހުރި ފުރުޞަތުތައް:
ދައުލަތަށް ދެއްކި ޓެކްސް – ބޭންކުތަކުން ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި 737.38 މިލިއަން ރުފިޔާ (ގާތްގަނޑަކަށް 48 މިލިއަން ޑޮލަރު) ދައުލަތަށް ދައްކާފައިވެއެވެ. މިއީ އެ އަހަރު ދައުލަތަށް ލިބުނު ޖުމްލަ އިންކަމް ޓެކްސްގެ 14 އިންސައްތައެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކުރި ލޯނު – ރާއްޖޭގެ ބޭންކިންގ ދާއިރާއިން ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކޮށްފައިވަނީ 13 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު)އެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ޖުމްލަ އަގު 5 ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ ބޭންކުތަކުން ހިއްސާ ވަނީ އެންމެ 16 އިންސައްތައެވެ. މިއީ މި ދާއިރާ އިތުރަށް ފުޅާކުރުމަށް އޮތް ބޮޑު ފުރުޞަތެއްގެ ގޮތުގައި ގަވަރުނަރު ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ބޭރަށް ފޮނުވި ފައިދާ – ފާއިތުވި 2025ވަނަ އަހަރު އެކަނި ވެސް ބޭންކިންގ ދާއިރާއަށް ލިބުނު ފައިދާގެ 11 އިންސައްތަ (ގާތްގަނޑަކަށް 38 މިލިއަން ޑޮލަރު) ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި މިގޮތަށް ރާއްޖެއިން ބޭރަށް ފޮނުވި ފައިދާގެ ޢަދަދު 200 މިލިއަން ޑޮލަރާ ގާތްކުރެއެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































