
ހދ. ނޭކުރެންދޫގައި ހިންގި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ އެންމެހާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް، ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރައްޔާރުވެއްޖެއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ނިޒާމު ބޭނުންކުރަން ފެށުމުގެ ކުރިން ހަދަންޖެހޭ ޓެސްޓުތަކާއި ކޮމިޝަން ކުރުމުގެ މަރުހަލާ މި މަހުގެ 13ވަނަ ދުވަހު ވަނީ ކާމިޔާބުކަމާ އެކު ނިންމާލާފައެވެ. މި މަސައްކަތުގައި ކޮންޓްރެކްޓަރުންނާއި، ފެނަކަ ކޯޕަރޭޝަން އަދި ރަށު ކައުންސިލްގެ އިތުރުން މިނިސްޓްރީގެ ފަންނީ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދައުލަތުގެ ބަޖެޓާއި އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)ގެ ލޯނު އެހީގައި ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ އަލްޓެކް މޯލްޑިވްސް އާއި އާރް.ސީ.ސީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރއެކެވެ.
ހދ. ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު pic.twitter.com/dmshiYkQZH
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) August 17, 2026
ރަށުގެ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ޚިދުމަތެއް ކަށަވަރުކުރުމަށްޓަކައި މި މަޝްރޫޢުގެ ތެރެއިން ގިނަ ވަސީލަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ. އޭގެ ތެރޭގައި ދުވާލަކު 30 ޓަނުގެ ފެން އުފައްދާ ދެ އާރް.އޯ ޕްލާންޓާއި، 135 ޓަނުގެ ދެ ބޯފެން ތާނގީގެ އިތުރުން 200 ޓަނުގެ ވާރޭފެން ރައްކާކުރާނެ ބޮޑު ތާނގީއެއް ހިމެނެއެވެ. ފެނުގެ ފެންވަރު ބެލުމަށް ޚާއްސަ ލެބޯޓަރީއަކާއި އޮފީސް އިމާރާތެއްގެ އިތުރުން ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް 30 ކިލޯވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ވެސް ވަނީ ހަރުކޮށްފައެވެ. ނަރުދަމާގެ ޚިދުމަތް ފުރިހަމަކުރުމަށް 3 ޕަމްޕިންގ ސްޓޭޝަނާއި ސްވޭޖް ޓްރީޓްމަންޓް ޕްލާންޓެއްގެ އިތުރުން މޫދަށް ހޮޅިލައިނެއް (ސީ އައުޓްފޯލް) ވަނީ އަޅާފައެވެ.
މުޅި ރަށަށް ޚިދުމަތް ފުޅާކުރުމުގެ ގޮތުން 13.1 ކިލޯމީޓަރުގެ ދިގު ފެނުގެ ވިއުގައަކާއި 10.4 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ އަޅާފައެވެ. މީގެ ދަށުން ގޭބިސީތަކަށާއި އެކިއެކި އިމާރާތްތަކަށް ފެން މީޓަރު ގުޅައި، ނަރުދަމާގެ ކެޗްޕިޓްތައް ބަހައްޓައި މިހާރު ވަނީ ނިމިފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. މި ސިޔާސަތުގެ ދަށުން ގިނަ ރަށްތަކެއްގެ މަސައްކަތްތައް މިހާރު ވެސް ނިމިފައިވާއިރު، އިތުރު ރަށްރަށުގައި މިފަދަ މަޝްރޫޢުތައް ދަނީ ހަލުވިކަމާ އެކު ކުރިއަށެވެ.

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































